”އަދަދު“ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި އަޅުވަމުންދަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށާއި، ރައީސް އެއްވެސް ކަމަކުން ފިލައިގެން ވަޑައިނުގަންނަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޕީއެންސީގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޕީއެންސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާ ޝިޔާމް ވިދާޅުވީ، ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބާ ހަމައަށް އިދިކޮޅު އެމްޑީޕީގެ ދައުރު އަދާކުރަމުން ދިޔައީ ”އަދަދު“ ނޫހުން ކަމަށެވެ. އަދި އެ ނޫހުގެ ވެރިންވެސް އެކަމާ ފަޚުރުވެރިވެ، އެއީ ސިޔާސީ މަސައްކަތެއްކަން ގަބޫލުކުރައްވައި ވާހަކަދައްކަވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ ނުފިއްލަވާނެ، އަޅުގަނޑުމެންނެއް ނުފިލާނެ،“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ރައީސްގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި ޤަޛުފުކުރި ވީޑިއޯގެ މައްސަލައަށް އަލިއަޅުވާލައްވަމުން ޝިޔާމް ވިދާޅުވީ، އެ ވީޑިއޯ ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހަށް ހާޒިރުކުރުމުން ތިބީ ހަނު ކަމަށެވެ. އަދި އެމީހުން ކުރި ތުހުމަތުތަކުގެ މަސްދަރު ހާމަކުރުމަށްވެސް އިންކާރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ތަހުޒީބު ޑިމޮކްރެޓިކް މުޖުތަމައުތަކުގައި މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރާއިރު މަސްދަރު ހާމަކުރަންޖެހޭނެ ކަމަށާއި، މުޖުތަމައުގެ މަސްލަހަތު ގެއްލޭ ފަދަ ޚަބަރުތައް ފަތުރާއިރު މަސްދަރު ހާމަކުރުމަކީ އެންމެ އަސާސީ ކަންތައް ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މަސްދަރު ހާމަކުރަން ދެކޮޅުހެދުމުން އެއީ ސިޔާސީ ގޮތުން ކުރި ކަމެއްކަން ސާފުވާ ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިކަމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



