އަންނަ ހަފްތާގެ ތެރޭގައި 2500 އަށްވުރެ ގިނަ ކޮންޓެއިނަރުގެ ތަކެތި ރާއްޖެ ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ޝިޕިން ރޫޓުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް މުދާ ގެނައުމަށް ހުރި ދަތިތައް މަދުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި ލޯޑު ކުޑަކުރެވިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ހަނގުރާމައާއި ގުޅިގެން އައި ބަދަލުތަކާއެކު، ލަންކާގައި މިވަގުތު ލަސްވެފައިހުރި ކޮންޓައިނަރ، ކުރިއަށް އޮތް ހަފުތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވާ ގޮތުގައި 2500އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި 3 ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ.“ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސްރީލަންކާގައި މިވަގުތު ތާށިވެފައި ހުރި މުދާ ގެނައުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރި އަދި ބޭރުކުރި މުދަލުގެ ތަފާސްހިސާބުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެތެރެކުރި މުދަލުގެ އަދަދު 19 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަސާސީ ކާބޯތަކެތީގެ އަގުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ މާރިޗު މަހު އަސާސީ ކާބޯތަކެތީގެ ޕްރައިސް އިންޑެކްސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވަނީ %1.95 ކަމަށެވެ. ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަސާސީ ކާބޯތަކެތީގެ ތެރެއިން މޭވާއާއި ތަރުކާރީގެ އަގުތައް ވަނީ ބޮޑުތަނުން ދަށްވެފައެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މިދިޔަ އަހަރާއި އަޅާބަލާއިރު ތަރުކާރީގެ އަގު %5 ދަށަށް ގޮސްފައިވާއިރު، ޖުމްލަކޮށް މޭވާގެ އަގު ވަނީ %15.56 އަށް ދަށަށް ގޮސްފައެވެ.



