ފ. ފީއަލީގެ ގެއެއްގެ ފުރާޅު ސާފުކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ދެބެއިންގެ ހާލުވެސް ރަނގަޅުކަމަށް ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނަށެވެ.
މި ދެބެއިން އިތުރު ފަރުވާއަށް ފ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 3:33 އެހައިކަންހާއިރުއެވެ. ފ. އަތޮޅު ހޮސްޕިޓަލުން ބުނީ، އެދެބެއިން ހޮސްޕިޓަލަށް ގެނައިއިރުވެސް ހާލު ސީރިއަސްނޫން ކަމަށާއި، މިހާރު ދެ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ދެބެއިން ދިރިއުޅޭ ގޭގެ ފުރާޅު ސާފުކުރުމަށްފަހު ފައިބަން އުޅުމުގެ ތެރޭގައި، މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި އަތްލެވުމުގެ ސަބަބުންނެވެ. ކަރަންޓުގައި ޖެހުމާއެކު ދެ މީހުންވެސް މަގުމައްޗަށް ވެއްޓިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
މި ހާދިސާގައި މަގުމައްޗަށް ވެއްޓުނު ވަގުތު އޭގެތެރެއިން އެކެއްގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.




