މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނައިން މަސައްކަތްތެރިންގެ އަޑުއެހި ސަރުކާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ ޢަދުލުވެރި ސިޔާސަތެއް ކަމަށެވެ.
މަސައްކަތްތެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ އިސްކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ޤައުމަށް މުހިންމު ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފަށައި، ފަންނާއި ހުނަރު ކުރިއެރުވުމަށް ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުން ބާކީވިޔަ ނުދީ ޒިންމާދާރު ބަޔަކަށް ހެދުމަށް ފެށި ’ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު‘ ގެ ސަބަބުން ގިނަ ދަރިންތަކެއް ވަޒީފާގެ މައިދާނަށް ނުކުންނަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އީ-ކޮމާސް މަންސަތަކާއެކު ކުރެވުނު މަސައްކަތުން ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ލިބެން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
”ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެމުން މިދަނީ ޤާބިލު ދިވެހި ކުންފުނިތަކަށެވެ. މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެއެވެ. ވަކީން ޚާއްޞަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް އަޅުގަނޑުމެން ޙައްލު ހޯދައިދީފީމުއެވެ.“ ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެވުނު ބަދަލުތަކާއެކު އައު ވަޒީފާތައް އުފެދެމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދެއަހަރާއި ބައިގެ ތެރޭގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި ޖުމްލަ 23,000 އަށްވުރެ ގިނަ ވަޒީފާ އަލަށް އުފެއްދިފައިވާ ކަމަށެވެ.
ބިދޭސީންގެ މައްސަލައަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް މިހާރު އަޅަމުންދާ ކަމަށެވެ.
އަދި ދިވެހިންނަށް ނޫނީ އަދާނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަމަށް ޢަމަލީ ސިފަ ގެންނަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



