ކުރިމަތިފަރާތުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދިވެހި އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު، 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މި އަންހެންމީހާ އެކްސްރޭކޮށް ބެލިބެލުމުން އޭނާގެ ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އެއީ ކޮކޭން ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އޭނާ ލައިގެން ހުރި ޖީންސާއި ހަށިގަނޑާ ދޭތެރޭގައި ފޮރުވާފައި އޮތް ޕްލާސްޓިކް ކޮތަޅެއް ފުލުހުން ވަނީ ހޯދާފައެވެ. އެ ކޮތަޅުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ކޮތަޅު ފެނިފައިވެއެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނުގައި 31 ގްރާމް ހުރި ކަމަށް ފުލުހުންގެ ތަހުގީގުން ދައްކައެވެ.




