ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭގައި އެމްޑީޕީގެ ފަރާތުން އެކަށީގެންވާ ހަރަކާތްތެރިކަމެއް ނުފެނުމަކީ ހިތާމައެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މޭޑޭ އަކީ 2006 ވަނަ އަހަރުން ފެށިގެން އެމްޑީޕީން އިސްނަގައިގެން ފާހަގަކުރަމުން އަންނަ، މަސައްކަތްތެރިންގެ ޙައްޤުތަކާ ގުޅޭ ތާރީޚީ މުހިންމު ހަރަކާތްތަކެއް ހިންގާފައިވާ ވަރަށް މުހިންމު މުނާސަބަތެއް ކަމަށެވެ.
އަދި ރާއްޖޭގައި މޭޑޭ ބަންދު ދުވަހެއްގެ ގޮތުގައި ފުރަތަމަ ހަމަޖެއްސީވެސް އެމަނިކުފާނުގެ ވެރިކަމުގައިކަން ނަޝީދު ފާހަގަކުރެއްވިއެވެ. މިއީ އެ ޕާޓީގެ ތާރީޚާއި މަސައްކަތްތެރިންގެ ޙައްޤުގައި ކުރަމުން އައި މަސައްކަތްތަކާ ނުބައްދަލު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި 1، އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ މަސައްކަތްތެެރިންގެ ދުވަހެވެ.




