ފޯކައިދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާ އިރުއެވެ. ފުލުހުން މިއަދު ބުނީ، މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމަށެވެ
ތަހުޤީޤަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިއީ އެ ފުލުސް އޮފިސަރަށް އަމާޒުކޮށްގެން ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. މި ހާދިސާގައި ސައިކަލު ބޭނުންނުކުރެެވޭ ވަރަށް އަންދާލާފައިވާއިރު، އެގޭގެ ގޭޓް ހިމެނޭހެން ގޭގެ ބައެއް ސަރަޙައްދުތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މި އަމަލު ހިންގި މީހާ ހޯދައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރާ މުވައްޒިފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ މިފަދަ ޢަމަލުތައް ފުލުހުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
”މިއީ މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ކަމުގައި ދެކެން،“ ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ކުށްކުރާ މީހުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ބިރުދެއްކުމަށް ހިންގާ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން، ޤާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.
ފުލުހުންނަށް އަނިޔާކުރުމާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާމެދު ފަސްޖެހުމެއް ނެތި ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި ޤާނޫނު ނަގަހައްޓައި، ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އަމާންކަން ޤާއިމުކުރުމުގައި ފުލުހުންގެ ޚިދުމަތުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވެސް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.




