ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ކޮންމެ މަސައްކަތްތެރިއެއްގެ ޚިދުމަތަކީ ޤައުމަށް މުހިއްމު އަގުނުކުރެވޭވަރުގެ ޚިދުމަތްތަކެއްކަމަށް، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާއާ ގުޅިގެން، މިނިސްޓަރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ބާވަތުގެ މަސައްކަތް ކުރައްވަމުންގެންދަވާ ހުރިހާ މަސައްކަތްތެރިންނަށް ދުވަހުގެ ހެޔޮއެދުން ފޮނުއްވާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރައްވަމުންގެންދަވާ ކޮންމެ ބޭފުޅެއްގެ ޚިދުމަތަކީ ޤައުމަށް އަގުނުކުރެވޭވަރުގެ ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިންނަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކުރުމަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ”ޢުމްރާނީ ގޮތުން ވިޔަސް، އިޤްތިޞާދީ އަދި އިޖުތިމާޢީ މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކުވެސް އެކުރައްވަނީ ޤައުމަށް މުހިއްމު ޚިދުމަތެއް ކަމަށާއި، އަގުނުކުރެވޭނެ ޚިދުމަތެއް ކަމަށެވެ. އަދި އެބޭފުޅުންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރު ވިދާޅިވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސައްކަތްތެރިންނަކީ ޤައުމުގެ ހުންގާނު ކަމަށާއި އެއީ ޤައުމުގެ އިންޖީނު ކަމަށެވެ. އެހެންކަމުން އެފަރާތްތަކުގެ އަގު ވަޒަންކުރުމަކީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދުކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ދުވަހެވެ.



