ބިދޭސީ މަސައްކަތްތެރިން ގެނެސް ނަހަމަގޮތުގައި އެމީހުންގެ ފައިދާ ނަގަމުންދިޔުން ހުއްޓުވާ، އަދި ދިވެހީންނަށް ރައްކާތެރި މަސައްކަތްތެރި މާޙައުލެއް ޤާއިމުކޮށްދެއްވުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ މަސައްކަތްތެރިން ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނާއި ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ މަސައްކަތްތެރިންގެ ޙައްގުގައި މިހާތަނަށް ވަކާލާތު ކުރެވިފައިވާ ކަންކަމަށް އެންމެ ފުރިހަމަ ހައްލު ހޯދައިދިނުން ކަމަށެވެ. ވަކިން ޚާއްސަކޮށް ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ނުވަތަ އެމީހުންގެ ނާޖައިޒް ފައިދާ ނެގުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ހުއްޓުވާ، ދިވެހީންނަށް މަސައްކަތްތެރި މާޙައުލުގައި ފުރުސަތުތައް ފަހިކޮށް، ދިވެހީންނަށާއި ބިދޭސީންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ އެންމެހާ ދަތިތަކާއި މިހާރުން މިހާރަށް ހައްލުކުރެވެން ހުރި ކަންކަން ހައްލުކޮށް، ދުރުރާސްތާގައި ހައްލުކުރަންޖެހޭކަންކަން ދެނެގަނެ އެއަށް ހައްލު ގެނެސްދިނުން އެއީ ސަރުކާރުގެ މަގްސަދު ކަމަށެވެ.




