އެސްޓީއޯ ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 16 މެއި 2026 ވާ ހޮނިހިރު ދުވަހުގެ 21:00 ގައި ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސް، ފޭދޫ ހޯލްގައެވެ.
އެސްޓީއޯއިން ބުނީ، މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށްވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. ޖަލްސާގެ މައިގަނޑު އެޖެންޑާގައި ހިމެނެނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލާފައިވާ މާލީ ރިޕޯޓުތައް ފާސްކުރުމެވެ.
މީގެ އިތުރުން، މި ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއި، ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން ވޯޓަށް އެހުން އޮންނާނެއެވެ. ހިއްސާގެ ފައިދާ ލިބޭނީ މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ.
އެސްޓީއޯގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ވަނީ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.
ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވުމާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ، ސަރުކާރު ތަމްސީލުކުރާ 6 މެންބަރުންނަށް ބަދަލެއް ނުގެންނަން ޕީސީބީން ނިންމާފައިވީ ނަމަވެސް، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ދެ ބޭފުޅަކު ކުރިމަތިލައްވާފައިވާތީ އެކަމަށް ވޯޓަށް އެހުން އޮންނާނެ ކަމަށެވެ. އަދި އަންނަ އަހަރަށް އޮޑިޓަރުން އައްޔަންކުރުމާއި، އާ ކުންފުނީގެ ގާނޫނާ އެއްގޮތަށް ހިންގާ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ފާސްކުރުންވެސް މި ޖަލްސާގައި ކުރިއަށްދާނެއެވެ.
މި އަހަރުގެ ޖަލްސާއަށް އެސްޓީއޯގެ ބޯޑުން ހުށަހަޅާފައިވަނީ ހިއްސާއަކަށް 85 ރުފިޔާ ބެހުމަށެވެ. މިއީ ފާއިތުވި 18 އަހަރުގެ ތެރޭގައި އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.
ފާއިތުވި 2024 ވަނަ އަހަރު ހިއްސާގެ ގޮތުގައި އެކުންފުނިން ބަހާފައިވަނީ، 80 ރުފިޔާއެވެ.



