އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތް ކަމަށް ބުނެ، އެ އިންތިހާބުތައް ފަސްކުރުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގަޕޯ ވިދާޅުވީ ޗެއާޕާސަން އިންތިހާބާއި ގައުމީ މަޖިލިސް އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ގަޕޯ ފާހަގަ ކުރެއްވީ ދެ އިންތިހާބު ބާއްވަން ފައިސާ ނެތުމެވެ.
އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމަށް އިސް ފަރާތްތަކުން މަޝްވަރާކޮށްގެން ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށް ވެސް ގަޕޯ ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި އެކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ގަޕޯ އެދިވަޑައިގެންނެވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ގަޕޯ ހުށަހެޅުއްވި އިރު، ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ ވަރަށް ވަރުގަދަ ކެމްޕެއިންތަކެއް ކުރައްވަމުންނެވެ.
ދެ ބޭފުޅުން ވެސް ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވާ އިރު، އެމްޑީޕީގެ ތެރޭގައި ވަނީ މި އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައެވެ.



