މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފުރާ ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޓީމުތަކަށް ހާއްސަ ތަމްރީނުތަކެއް ދެމުންދާކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ، ހައްޖުވެރިން ހިތްހަމަޖެހޭ ފަދަ ފެންވަރު ރަނގަޅު ހިދުމަތްތަކެއް މިއަހަރުވެސް އެހީތެރިންގެ ޓީމުން ފޯރުކޮށްދޭނެ ކަމަށެވެ.
ރާއްޖެއަށް މިއަހަރު ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރޭގައި ހައްޖުވެރިންނަށް އެހީތެރިވުމަށްދާ މީހުންވެސް ހިމެނެއެވެ. މި އެހީތެރިންނަކީ ހައްޖުގެ މަނާސިކުތައް ފުރިހަމަކުރުމުގައި ހައްޖުވެރިންނަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުމަށް ކަނޑައަޅާފައިވާ ބައެކެވެ. އެގޮތުން ދަތުރުފަތުރާއި، ކެއިންބުއިމާއި، ހޮޓަލުގެ އިންތިޒާމުތަކުގެ އިތުރުން އިދާރީ އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޓީމުތަކެއް ވަނީ އެކުލަވާލާފައެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، އެހީތެރިންގެ ޓީމުގައި ހިމެނެނީ އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި އާންމުކޮށް ހުޅުވާލައިގެން ހޮވާފައިވާ ފަރާތްތައް ކަމަށެވެ.
”މިއިން ކޮންމެ އެހީތެރިއަކުވެސް މި ތަމްރީންތަކުގައި އެބަ ބައިވެރިވޭ. އަދި ފަހުން ހައްޖުވެރިން ހޭލުންތެރިކުރުމަށް ބާއްވާ ބައްދަލުވުންތައްވެސް ކުރިއަށްގެންދާނަން،“ ޝަކީލް ވިދާޅުވިއެވެ.
މި ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ ހައްޖުވެރިންނަށް ބޭނުންވާ އެންމެހާ ކަންކަމުގައި ރަނގަޅު އިރުޝާދު ދެވޭނެ ފަދަ ގާބިލު ޓީމެއް ބިނާކުރުމެވެ. އަޅުކަމުގެ ކަންކަމުގައި ދޭންޖެހޭ އިރުޝާދުތަކުގެ އިތުރުން، ކޮންމެފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ތަމްރީނުތައް އެހީތެރިންނަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ހައްޖުގެ ކަންކަމަށް ދާ އެޑްވާންސް ޓީމު މި ހޯމަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ހައްޖުވެރިން ފުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ޖުމްލަ ހަތަރު ފްލައިޓެއްގައި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ފްލައިޓެއްގައިވެސް ހައްޖުވެރިންނަށް އެހީތެރިވުމަށް ހާއްސަ ޓީމުތައް ބައިވެރިވާނެއެވެ.




