މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކަށް 136 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ޖުމްލަ 40,944 ޓީޓީއަކަށް ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. 2025 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 15 މިލިޔަން ޑޮލަރު ޓީޓީތަކަށް ވިއްކާފައިވާއިރު، މިއަހަރުގެ މިހާތަނަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 34 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަހު ޓީޓީތަކަށް ޑޮލަރު ދޫކުރި ގޮތުގެ ތަފްސީލަކީ:
ޖަނަވަރީ: 10,838 ޓީޓީއަށް 35 މިލިޔަން ޑޮލަރު
ފެބްރުވަރީ: 10,551 ޓީޓީއަށް 34 މިލިޔަން ޑޮލަރު
މާރިޗު: 10,600 ޓީޓީއަށް 37 މިލިޔަން ޑޮލަރު
އޭޕްރީލް: 8,955 ޓީޓީއަށް 30 މިލިޔަން ޑޮލަރު
މީގެ އިތުރުން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑު މުޢާމަލާތްތަކަށް މިއަހަރުގެ އޭޕްރިލްގެ ނިޔަލަށް ޖުމްލަ 296 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް ބޭންކުން ބުނެއެވެ. މީގެ ތެރެއިން 160 މިލިޔަން ޑޮލަރަކީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ މުޢާމަލާތްތަކަށް ވިއްކާފައިވާ ފައިސާއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 40 މިލިޔަން ޑޮލަރެވެ.
ރާއްޖެއަށް ވަންނަ އަދި ބޭރުވާ ފައިސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޭޕްރިލްގެ ނިޔަލަށް 1.58 ބިލިޔަން ޑޮލަރު ރާއްޖެއަށް ވަދެފައިވެއެވެ. ނަމަވެސް ހަމަ މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް 1.45 ބިލިޔަން ޑޮލަރު ވަނީ ފޮނުވާފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ 1.03 ބިލިޔަން ޑޮލަރެވެ.
ކްރޮސްބޯޑަރ ޓްރާންސެކްޝަންތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއިން ބޭރުން 306 މިލިޔަން ޑޮލަރު ލިބިފައިވާއިރު، ރާއްޖެއިން ބޭރަށް 414 މިލިޔަން ޑޮލަރު ވަނީ ފޮނުވާފައެވެ. ބޭންކުން ހާމަކުރި ގޮތުގައި މިއަހަރުގެ ފާއިތުވި ހަތަރު މަހު މަހެއްގެ މައްޗަށް އެވްރެޖްކޮށް 74 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ.




