އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 30 ވަނަ ސެޝަން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިއީ މި ކޮމިޝަނުގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުންތައް ކުރިއަށްދާނީ މެއި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރާގައެވެ.
މި ބައްދަލުވުންތަކުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.
މިނިސްޓްރީން އިތުރަށް ބުނިގޮތުގައި، މިފަދަ މުހިންމު ފުރުސަތެއް ރާއްޖެއަށް ލިބިގެންދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. މި ބައްދަލުވުން ބޭއްވުމަށް ހިނގާ ހުރިހާ ޚަރަދެއް ސަރުކާރުން ކުރަން ނިންމާފައިވަނީ މަސްވެރި ސިނާއަތަށް މީގެ ސަބަބުން ކުރާނެ ފައިދާއާއި މުހިންމުކަން ބޮޑުވުމުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އައި.އޯ.ޓީ.ސީގެ މައި ބައްދަލުވުމުގެ އިތުރުން، އެ އިދާރާގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އައި.އޯ.ޓީ.ސީގެ ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން
- އައި.އޯ.ޓީ.ސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން
- އައި.އޯ.ޓީ.ސީގެ މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން
އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ. މި ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރޭގައި މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާއި، އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމުގެ އުސޫލުތައް ހިމެނެއެވެ.
މި ބައްދަލުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ސިނާޢަތުގެ މަންފާ އިތުރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ.




