މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސްއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޒާކާތުގެ ގޮތުގައި ޖުމްލަ 45،329،118.85 ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތިގައި ލިބިފައިވަނީ 34،854،157.67 ރުފިޔާ އެވެ. އެހެންކަމުން މިއީ، 30.1 އިންސައްތައިގެ އިތުރުވުމެކެވެ.
ޒަކާތުގެ ގޮތުގައި ނަގާ މިންވަރު އިތުރުވުމުގެ އިތުރުން އިޖުތިމާއީ އަދި ދީނީ މުހިންމު މަސައްކަތްތަކަށް އެހީތެރިވުމަށް ޒަކާތުގެ ފައިސާ ބެހިފައިވާ ގޮތް ވެސް ތަފާސް ހިސާބުތަކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، ސިއްހީ އެހީތެރިކަމާއި، އަސާސީ ތަކެތި، ރޯދަމަހުގެ އެހީ، ގުރުއާން ހިތުދަސްކުރުމުގެ އިސްނެގުމާއި، ތައުލީމީ އެހީތެރިކަމާއި، މުޖުތަމައު ތަރައްގީކުރުމުގެ މަޝްރޫއުތައް ފަދަ އެކިއެކި ޕްރޮގްރާމްތަކަށް ޖުމްލަ 13،379،720.58 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މީގެ ތެރެއިން، އެންމެ ބޮޑު ހިއްސާއެއް އަމާޒުކޮށްފައިވަނީ ފަގީރުންނާއި ނިކަމެތިންނަށެވެ. އެފަރާތްތަކަށް ގާތްގަނޑަކަށް 6.69 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެން ކެޓަގަރީތަކުގެ ތެރޭގައި ފީ ސަބިލިالله (5.5 މިލިއަން ރުފިޔާ)، އާމިލް (815،000 ރުފިޔާ)، އަދި އިބްނު ސަބީލް (363،000 ރުފިޔާ) ހިމެނެ އެވެ.
ޒަކާތުގެ ފައިސާގެ ދިގު މުއްދަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ވަގުފު އިމާރާތްތަކާއި ދާރު އަސްލަމް އަދި ދާރުލް އަރްގާމް ތަރައްގީކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއްގެ ގޮތުގައި ޖުމްލަ 41،078،781.90 ރުފިޔާ ހޭދަކޮށްފައިވެއެވެ.




