ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އާންމުކޮށް ވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ހަތަރު މަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މޭ މަހާއި ޖޫން މަހަކީ ރާއްޖެއަށް އާންމުކޮށް ވެސް އެންމެ ބޮޑަށް ވިއްސާރަ ކުރާ ދުވަސްވަރެވެ. ނަމަވެސް، މިއަހަރު އެ ވިއްސާރައިގެ އަސަރު އިތުރަށް ވަރުގަދަ ވެދާނެ ކަމަށް ބެލެވޭތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި މޫސުމީ ފޯކާސްޓަކީ އެޕްރީލް މަހުގެ މޫސުމީ ހާލަތަށާއި މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ އެކި ސަބަބުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ފޯކާސްޓެކެވެ. މިއީ ކުރިއަށް އޮތް ހަތަރު މަހަށް ޖުމްލަކޮށް ލަފާކުރެވޭ ގޮތް ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓުން އިތުރަށް ބުނީ، މަހުން މަހަށް އަންނަ ބަދަލުތައް ވަކިވަކި މަސްތަކަށް ލަފާކުރެވޭ މޫސުމީ ރިޕޯޓުތަކާ އެކު އަދާހަމަކުރަމުން ގެންދާނެ ކަމަށެވެ.




