މި އަހަރުގެ ބޮޑު އީދުވެސް ގައުމީ ފެންވަރުގައި ރާއްޖޭގެ ތިން ރަށެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ މިނިސްޓްރީގެ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ތިން ރަށެއް ހޮވުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުރިހާ ރަށަކަށް ހުޅުވާލާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އެ ޕްރޮޕޯސަލްތައް އަޅުގަނޑުމެން އިވެލުއޭޓްކޮށް، ޕްރޮޕޯސަލްތަކާއި، ކަންތައްތައް ބެއްލެވުމަށް ފަހު އަޅުގަނޑުމެންގެ ޓީމުން ނިންމާނެ އެ ހޮވޭ ފަރާތްތަކަށް، އެ ތިން ރަށުގައި އަޟްހާ އީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށްގެންދާ ގޮތަށް،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އީދު ފާހަގަކުރުމުގައި ކުރިއަށްގެންދަން ޖެހޭނެ ޕްރޮގްރާމްތަކާއި، އީދު ފާހަގަކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި ސަމާލުކަން ދޭންވީ ކަންތައްތައް އެ ވުޒާރާއިން މިހާރު ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މިންގަނޑުތަކުގެ ތެރޭގައި އީދު ފާހަގަކުރުމުގައި ހުރިހާ ގޮތަކުންވެސް ރަށްރަށުން ވިސްނަންޖެހޭ މުހިންމު ކަންތައްތައް ހިމެނޭނެއެވެ.
މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ މެއި މަހުގެ 27 ވަނަ ދުވަހެވެ.




