ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމަޔަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި އަތޮޅުތަކަށް މި ސަމާލު ނެރެފައި ވަނީ، މިއަދު މެންދުރު ފަހު 14:00 އިން މިރޭ 20:00 އާއި ހަމަޔަށެވެ.
މި ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން އަންނަނީ އެކި ހިސާބުތަކަށް މޫސުމީ ސަމާލުތައް ނެރެމުންނެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެ މަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.



