ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫޢުތަކާއި ދޫކޮށްފައިވާ ހުއްދަތަކާއި ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެންވަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން މިހެން ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫޢުތަކާއި ގުޅިގެން ލިބިފައިވާ ޝަކުވާތަކާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
އީޕީއޭ އިން ވިދާޅުވީ، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކާއި ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށެވެ.
މީގެ ތެރޭގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް ނާޅާ މަސައްކަތް ކުރިޔަށް ގެންދިއުމުގެ މައްސަލަތައް ހިމެނެއެވެ.
އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި، ހިއްކުމުގެ މަސައްކަތުގެ ސަބަބުން ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަންގެ އަސަރު ކުޑަ ކުރުމަށް ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ޤާއިމް ނުކުރުން ހިމެނެއެވެ. މީގެ އިތުރުން ހުއްދަ ދީފައިވާ ސަރަހައްދުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުގައިވެސް މަސައްކަތް ކުރުން ހިމެނޭ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެހެންކަމުން މަޝްރޫޢުތަކަށް ފާސްކޮށްފައިވާ އީއައިއޭ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް އީޕީއޭ އިން ވަނީ އަންގާފައެވެ. އެގޮތުން އަތޮޅުތެރެއިން ވެލިނަގާނަމަ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގެ ހައުސް ރީފްއިން ފެށިގެން މަދުވެގެން 500 މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.
އީޕީއޭ އިން އިތުރަށް ބަޔާންކޮށްފައިވަނީ ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން ކަނޑައެޅިފައިވާ ޑްރެޖަރ ރޫޓުތައް ބޭނުން ކުރުމަށާއި، ރީނދޫ ސަމާލު ނެރެފައިވާއިރު ވެލި ނެގުމާއި ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށެވެ.
އެ އޮތޯރިޓީން ވިދާޅުވީ، ހުށަހެޅޭ ޝަކުވާތަކަށް ޚާއްސަ އިސްކަމެއްދީ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ހުއްދަތަކާއި ޤަވާއިދުތަކާ ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.




