ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ވަޑައިގަތުމުން އެޤައުމުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ލަންކާގެ ބަންޑާރަނަޔަކެ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ބޮޑުވަޒީރެވެ.
މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރައީސް ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުންގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ދަތުރުފުޅުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހަޔަރ އެޑިޔުކޭޝަން، ޑިފެންސް ކޯޕަރޭޝަން، ހާރިޖީ ދާއިރާ، ސިއްހީ ދާއިރާ، އަދި ކުޅިވަރާއި ޒުވާނުންގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން، އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިން ބައްދަލުކޮށް ގުޅުވައިދިނުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
އަދި ދެ ގައުމުގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މި ދަތުރުފުޅުގެ ތެރެއިން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.




