ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި، ކޮންމެ ދުވަހަކު ވަކި ވަގުތުތަކެއްގައި އެ ސަރަހައްދު އާންމުންނަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
މި މަސައްކަތްތައް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިރުއޮއްސި 18:00 އިން ފެށިގެންނެވެ.
މި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ސަލްޓަން ޕާކުގެ ސަރަހައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްގީކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ގާއިމުކުރާ އެކިއެކި ވަސީލަތްތަކާއެކު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއެންޑީއެފާއެވެ. އެ މަސައްކަތްތަކުގެ ބައެއް ނިންމުމަށްފަހު، މިދިޔަ އީދު ދުވަހު ސަލްޓަން ޕާކު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
ސަލްޓަން ޕާކު އަލުން ތަރައްގީކުރެވިގެންދާއިރު، އެ ތަނުގައި ހުރި ވިންޓަ ޕާކު ސަރަހައްދުގައި އީ-ގޭމިން މަރުކަޒެއް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



