މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރެއް ނުވި ނަމަވެސް، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭ ގޮތަށް ގަވައިދު އިސްލާހުކޮށް، ފޯމުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
ހައުސިންގް މިނިސްޓްރީން ބުނި ގޮތުގައި، މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން، މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރެއް ނުވި ނަމަވެސް، އެ ކެޓަގަރީގެ ޝަރުތު ފުރިހަމަވާނަމަ މިހާރު އެޕްލައި ކުރެވޭނެއެވެ.
މީގެ ކުރިން އޮތް އުސޫލަކީ މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ މަދުވެގެން އެއް އަހަރު ވާންޖެހޭ ގޮތަށެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ”މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް“ ކަން އެނގޭނެ ލިޔުކިޔުމާއެކު، މާލޭގައި ރަށްވެހިވި ތާރީހު އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. މިއީ އެޕްލިކޭޝަންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރެވޭ ކަމެކެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމަކީ، ނިމިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުސަތެކެވެ.
މީގެ އިތުރުން، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކަށް ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.




