ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމަށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ޝިރުނާ މިއަދު އައްޔަނުކުރައްވައިފިއެވެ.
އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމަށް، ކުރިން އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި ހީނާ ވަލީދު އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.
މަގާމަށް އައްޔަނުކުރެވުނު އާމިނަތު ޝިރުނާއަކީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ނަރުހެއްގެ ގޮތުގައި 23 އަހަރު ދުވަހު މަސައްކަތް ކުރައްވާފަ އެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ ނާސިންގ ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއް ފުރުއްވުން ހިމެނެ އެވެ.
ސަރުކާރު ބަދަލުވުމަށްފަހު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން، ޝިރުނާ ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (ތެލެސީމިއާ ސެންޓަރު) އާއި ދަމަނަވެށި އަދި އެޗްޕީއޭގެ ކަންކަން ބެލެހެއްޓެވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.



