ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެއްވި ހޫނު މަރުހަބާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސްރީލަންކާއާ ރާއްޖޭގެ ސަމާލުކަން އޮތީ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ހަގީގީ ފައިދާތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ވަފުދު ލަންކާއަށް ވަޑައިގެންނެވި ވަގުތުން ފެށިގެން ދެއްވަމުން ގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަކީ ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކުރައްވާ، ލަންކާ ސަރުކާރުން ވިދާޅުވި ހޫނު މަރުހަބާއަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ރައީސާއެކު ވަރަށް އުފެއްދުންތެރި އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ތަޢުލީމާއި، ޒުވާނުންނާއި، ސިއްޙަތާއި، މަސްވެރިކަމާއި، ސަލާމަތާއި، މޫސުމާބެހޭ ގުޅޭ ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުނު ކަމުގައި ވިދާޅުވިއެެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ސަރުކާރުގެވެސް އެންމެ ބޮޑު އަމާޒަކީ މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ކުރާނެ ގޮތްތަކެއް މަގުފަހިކޮށްދިނުން ކަމަށެވެ.



