ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި އުމުރުން 22 އަހަރުގެ ދިވެހި ޒުވާނާ، ހެކި ނެތިގެން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
މި މައްސަލާގައި މިދިޔަ މަހުގެ ކުރީކޮޅު ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފެވެ.
އަދްލާން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ގަނެ ވިއްކުން ކަމަށް ވިޔަސް، އެފަދަ ތުހުމަތަކަށް ބާރުލިބޭނެ ހެއްކާއި ގަރީނާ ފުލުހުންނަށް ހުށަހެޅިފައި ނެތް ކަމަށެވެ.
ކޯޓު އަމުރުގައި ބުނީ، ”އިންޓަޕޮލްގެ މެއިލްއެއްގައި މީނާގެ ޑިޖިޓަލް ވޮލެޓަކީ ފިސީނާގެ އަމަލުތަކަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ކަމަށް ބަޔާންކުރި ނަމަވެސް އެ މައުލޫމާތު ހިމެނޭ ލިޔުން ޝަރީއަތަށް ހުށަހަޅާފައި ނުވާތީ“ އާއި، މައްސަލާގައި ބަޔާން ދިން އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް އެއްޗެއް ބުނެފައި ނުވާތީ އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.
އަދްލާން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާ އެކުގައެވެ. އޭގެ ތެރޭގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމާއި، ކޯޓުގެ ހުއްދަ ނެތި ރަށުން ބޭރަށް ދިއުން މަނާކުރުން ހިމެނެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ތަކެތި ގަނެ ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު އިލެކްޓްރޯނިކް ވަސީލަތްތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލާގައި އަދްލާން ހައްޔަރުކުރީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ.



