ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ގޮންޖެހުންތަކާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ގައުމުގެ ރައްޔިތުންނަށްވެސް ފައިދާހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި، ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.
ހާއްސަކޮށް ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ތަރައްގީގެ އެކި ދާއިރާތަކުން އެއްބަސްވެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ސްރީލަންކާ ސަރުކާރާއެކު މުހިއްމު އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން، ސްރީލަންކާގެ ރައީސްއާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުންތަކުގައި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ވިސާގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައިވެސް މިކަމަށް ލުޔެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ސްރީލަންކާ ސަރުކާރުން މިކަމަށް ބޮޑު އިސްކަމެއް ދޭކަމަށާއި، ވިސާގެ ކަންކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސްރީލަންކާގެ ރައީސް ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ވިސާ ލިބުމުގައި ހުރި ކަންކަން ޙައްލުވެގެން ގޮސް މުޅި މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަމުގެ އުންމީދު ބޮޑު. މީގެ ކުރިން އޮތް ހާލަތަށްވުރެވެސް ރަނގަޅު ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް. އެކަން ކުރުމަށް އަމަލީ މަސއްކަތް ކުރެވިގެންދާނެ،“ ރައީސް. ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ބައްލަވައި، ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރަމުންދާ މަސައްކަތްތަކުގެ ޔަގީންކަން އަރުވަމުންނެވެ.




