ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ މުހިންމު އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިކަމަށްޓަކައި ޑިފްންސް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ބޯޑަރ ފޯރސް ކޮމާންޑްގެ ރިއަރ އެޑްމިރަލް ކޮމާންޑަރ ބްރެޓް ސޮންޓަރ އެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ.
ޑިފެންސް މިނިސްޓްރީ އަދި އޮސްޓްރޭލިއާގެ ބޯޑަރ ފޯރސް ކޮމާންޑް ދެމެދު ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން، ދެ ޤައުމު ގުޅިގެން ތަމްރީނުތައް ބޭއްވުމާއި، ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމުގެ އިތުރުން، މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމާ ބެހޭ އޮނިގަނޑެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ.
އޮސްޓްރޭލިއާއަކީ ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ޤައުމެކެވެ. އެގޮތުން ދާދިފަހުން އޮސްޓްރޭލިއާ ސަރުކާރުން ވަނީ ދިވެހި ސިފައިންނަށް ”ގާޑިއަން ކްލާސް“ ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފައެވެ.
މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.




