ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކެރިކުޅަދާނަވެއްޖެ މީހާ، އެކަމަށް އަވަސްވެގަތުމަކީ ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
”ހެއު ގޮތުގައި ވެވޭ ޙައްޖު“ މި މައުޞޫއަށް މިއަދު ދިން ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، فرض ޙައްޖުވުމަށް އަވަސްވެގަންނަން ޖެހެނީ މާދަމާ ކަންތައް ދިމާވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެތީއެވެ.
ޙައްޖާއި ޢުމްރާގެ ޙުކުމްތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، ޙައްޖު އަދާކުރުމަށް ކެރިކުޅަދާނަވެއްޖެ މީހާ ޢުމުރުން އެއްފަހަރު ޙައްޖުވުމާއި ޢުމްރާވުމަކީ ވާޖިބުކަމެއް ކަމަށެވެ. އަދި އެއަށްވުރެ ގިނައިން އެ އަޅުކަން އަދާކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، އޭގެ ސަބަބުން ގިނަގުނަ ސަވާބު ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. ޙައްޖުވުމަށް ކެރިކުޅަދާނަވުމުގެ މާނައަކީ ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން ކުޅަދާނަވުމުގެ އިތުރުން މަގު އަމާންވެގެންވުމެވެ.
ހެޔޮ ގޮތުގައި ވެވޭ ޙައްޖުގެ މަތިވެރިކަމާ ގުޅޭގޮތުން ރަސޫލާގެ ޙަދީޘްފުޅެއް ޚުޠުބާގައި ބަޔާން ކުރިއެވެ. ”ޢުމްރާވުމަކީ، ދެ ޢުމްރާ ދެމެދުގައި ކުރެވޭ ކުދިފާފަތަކަށް ކައްފާރާއެކެވެ. އަދި ފާފަތަކުން އެއްކިބާވެ ހެޔޮ ގޮތުގައި ވެވޭ ޙައްޖަށް ހަމަކަށަވަރުން ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވެއެވެ.“ މި ޙަދީޘްފުޅުން އެނގޭ ގޮތުގައި މަޤްބޫލު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެއެވެ.
މާތް ﷲގެ ޙަޟްރަތުގައި އަޅުކަމެއް މަޤްބޫލުވުމަށްޓަކައި އެކަމެއްގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކެއް ވާކަން ޚުޠުބާގައި ފާހަގަކުރިއެވެ. އެއީ އިޚްލާޞްތެރިކަމާއެކު މާތް ﷲގެ ވަޖުހުފުޅަށްޓަކައި، ކީރިތި ރަސޫލާ ދަސްކޮށްދެއްވި ގޮތަށް އެ އަޅުކަމެއް ކުރުމެވެ. އެހެންކަމުން، ޙައްޖަށްދާ މީހާ އެ އަޅުކަން އަދާކުރާނެ ގޮތާއި އޭގެ ޙުކުމްތައް ދުރާލާ އުނގެނި ދަސްކުރުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޙައްޖަށް ދިޔުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންތައްތަކެއްވެސް ޚުޠުބާގައި ބަޔާންކުރިއެވެ. އޭގެ ތެރޭގައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމާއި، ދަރަންޏާއި ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުން ހިމެނެއެވެ. ޚާއްޞަކޮށް ޙައްޖުގެ ޚަރަދުތަކަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ފައިސާއިން ކުރާ ޚަރަދުތަކަކަށް ވާންޖެހޭނެއެވެ. ސަބަބަކީ މާތް ﷲއީ ހުސްޠާހިރުވަންތަ ރަސްކަލާނގެ ކަމަށްވެފައި، ޙަލާލު ތަކެތި މެނުވީ އެކަލާނގެ قبول ނުކުރައްވާތީއެވެ.
ޚުޠުބާ ނިންމާލަމުން ބުނީ، ހެޔޮ ގޮތުގައި ވެވުނު ޙައްޖެއްގެ އެންމެ ބޮޑު ޢަލާމާތަކީ، ޙައްޖުގެ އަޅުކަމަށްފަހު އެމީހެއްގެ ދިރިއުޅުން ހެޔޮ މަގަށް ބަދަލުވެގެން ދިޔުން ކަމަށެވެ.




