ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ މެންދުރު 13:00 އިން މިރޭގެ 19:00 އާއި ހަމައަށެވެ.
މެޓުން ނެރެފައިވާ ސަމާލުގައި ބުނީ، މި ގަޑިތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މެޓުން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި މޫސުމީ ލަފާކުރުމުގައި ބުނީ، މި އަހަރުގެ ޖޫން އިން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އާންމުކޮށް ރާއްޖެއަށް ވާރޭ ވެހޭ މިންވަރަށް ވުރެ ވާރޭ ވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެެވެ.




