މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ތެލެސީމިއާ ހުންނަ ހަތަރު ކުދިން އުފަންވެފައިވާ ކަމަށާއި، މިއީ މުޅި މުޖުތަމަޢު ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޙަލީމް ވިދާޅުވީ ރާއްޖޭގެ ތެލެސީމިއާ ފަރުވާގެ ނިޒާމާއި ލޭގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ކުރިއެރުވުމަށްޓަކައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ ޢަޒުމް އާކުރަންޖެހޭ ކަމަށެވެ.
އަދި ތެލެސީމިއާ ކުދިންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިގޮތުން، 25 މޭ 2025 ގައި ”މޯލްޑިވިއަން ބްލަޑް ސަރވިސް“ އަދި ”ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ“ އޮރެންޖް ހިޔާ އަށް ބަދަލުކުރުމަކީ ޚިދުމަތުގެ ފެންވަރު މަތިވެގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޙަލީމް ސިފަކުރެއްވިއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިފްތިތާޙްކުރެވުނު ”ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރ“ އާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކުދިންގެ ޞިއްޙީ ޙާލަތު ގާތުން ބެލޭނެ ނިޒާމެއް ކަށަވަރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 2026 ޖެނުއަރީން ފެށިގެން ތެލެސީމިއާ ކުދިންނަށް ޚާއްޞަ އެލަވަންސެއް ދޭން ފެށުމަކީ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިގެންދާނެ ބޮޑު ތަސައްލީއެއް ކަމަށް ޙަލީމް ވިދާޅުވިއެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް 4 ކުދިން އުފަންވުމަކީ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމުގެ ހެއްކެއް ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ކައިވެނީގެ ކުރިން ދެވޭ ކައުންސެލިންގ ހިމެނޭހެން ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭނެ ޚާއްޞަ ނިޒާމެއް މިއަހަރު ތަޢާރަފުކުރާނެ ކަމަށް ޙަލީމް އިޢުލާންކުރެއްވިއެވެ.
ޙަލީމްގެ ވާހަކަ ނިންމާލެއްވީ، މުސްތަޤުބަލުގެ ޖީލުތައް މި ބަލިން ސަލާމަތްކުރުމަށްޓަކައި، ކައިވެނީގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމަށާއި ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް މުޅި މުޖުތަމަޢަށް އިލްތިމާސްކުރައްވަމުންނެވެ.



