މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައި ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ގާތްގަނޑަކަށް 25 އިންސައްތައެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 831,254 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރޭގައި ކްރޫޒްލައިންތަކުން އައި ފަތުރުވެރިންގެ އަދަދު 13،808 އަށް އަރައެވެ.
ރާއްޖޭގެ ގެސްޓްހައުސް ސިނާއަތަކީ މިހާރު ވަރަށް ބާރުމިނުގައި ކުރިއަރަމުން އަންނަ ސިނާއަތެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެކި ބާވަތުގެ ތަންތަނުގައި ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ މިންވަރަކީ:
- ރިސޯޓް: 567,371 ފަތުރުވެރިން
- ގެސްޓްހައުސް: 202,815 ފަތުރުވެރިން
- ހޮޓެލް: 21,682 ފަތުރުވެރިން
- ސަފާރީ: 18,225 ފަތުރުވެރިން
މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ މާކެޓުންނެވެ. ޗައިނާއިން 125,682 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 15.5 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން 107,368 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އައި ނަމަވެސް، މިހާރު އަދަދުތައް ދަނީ އަނެއްކާވެސް އިތުރުވަމުންނެވެ.
އެގޮތުން މި މަހުގެ 1 ވަނަ ދުވަހު އެކަނިވެސް 6,611 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.




