ހަންޓާ ވައިރަސް ބަލީގެ ރިސްކް ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އެޖެންސީން މިހެން ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން މި ބަލި ފެނުމާ ގުޅިގެންނެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ މިކަމާ ގުޅޭ ކަންކަން ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައި ނުވާކަން އެ އެޖެންސީން ކަށަވަރުކޮށްދެއެވެ.
ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށް ކަމަށް ފާހަގަކުރަމުން އެޗްޕީއޭއިން ބުނީ، މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޖުމްލަ ފަސް މީހަކު ވަނީ ހަންޓާ ވައިރަހަށް ޕޮޒިޓިވްވެފައެވެ.
މި ބައްޔަކީ އާންމުކޮށް މީދަލުގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް ޑަބްލިއު.އެޗް.އޯ އިން މިއަދު ވަނީ އިރުޝާދުތަކެއް ދީފައެވެ.
ބަލިން ރައްކާތެރިވުމަށް ޑަބްލިއު.އެޗް.އޯ އިން ދީފައިވާ އިރުޝާދުތަށް:
- މީދާ ފަދަ ޖަނަވާރުތަކާ ދުރުހެލިވުން.
- ގޭގެއާއި މަސައްކަތްކުރާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
- މީދާ ވަދެވޭ ގޮތަށް ހުންނަ ތަންތައް ބަންދުކުރުން.
- ކާބޯތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މީދާގެ ނަޖިސް ހުންނަ ތަންތަން ސާފުކުރުމުގައި ރައްކާތެރި ގޮތްތައް ބޭނުންކުރުން (ހިކިކޮށް ކުނިކެހުމުގެ ބަދަލުގައި، ސާފުކުރުމުގެ ކުރިން އެ ތަންތަން ތެންމާލުން).
- އަތްދޮވުން ފަދަ ސާފުތާހިރުކަމުގެ އާދަތައް ވަރުގަދަކުރުން.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ހުންއައުން، މަސްތަކުގައި ރިއްސުން، ބޯއެނބުރުން، ހީކެރުވުން، މޭނުބައިކުރުން، ހޮޑުލުން، ބޭރަށްހިންގުން، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.



