ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިތުބާރު ހިފޭ ބައިވެރިއެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.
އަފީފް މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބީއެމްއެލްއިން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ދެއްވި ބަޔާނެއްގައެވެ.
މަޓީގެ ޗެއާމަން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރަމުންދާއިރު، ރިސޯޓުތައް ތަރައްޤީ ކުރުމަށާއި، އައު އުފެއްދުންތައް ތައާރަފްކުރުމުގެ އިތުރުން އޮޕަރޭޝަނަލް ރެޒިލިއަންސް ދެމެހެއްޓުމަށް މާލީ އެހީތެރިކަން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއެކު ބީއެމްއެލްއިން ޒަމާނުއްސުރެ ބާއްވަމުން އަންނަ ގާތް ގުޅުމަކީ މި ސިނާއަތް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން އަފީފް ފާހަގަކުރެއްވިއެވެ.
”ބޭންކް އޮފް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް މުހިންމު، އިސް ބައިވެރިއެއް. އެ ބޭންކުން ދޫކުރާ ފައިނޭންސިންގެ އެހީގައި މި ސިނާއަތް ފުޅާކުރުމަށާއި، އައު ޚިދުމަތްތައް ތައާރަފްކުރުމަށާއި، އަދި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަނީ މަގުފަހިވެފައި،“ ބޭންކުގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފީފް ވިދާޅުވިއެވެ.
މީގެ އިތުރުން، ފައިނޭންސިންގ ހޯދުމަށް އައު މަގުތައް ހޯދުމަށް ބޭންކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުވެ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ހިއްސާއެއް ލިބިގެންދާނެކަމަށްވެސް އަފީފް ވިދާޅުވިއެވެ.
މަޓީގެ ޗެއާމަން މިފަދައިން ވިދާޅުވެފައި މިވަނީ ބީއެމްއެލްގެ ފަންޑިން ބޭސް ފުޅާ ކުރުމަށް ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި މަޝްވަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގެ އައު ތަރައްޤީތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށްޓަކައި ހަރުދަނާ މާލީ ނިޒާމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ފައިނޭންސް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ.
ބޭންކުން ފަންޑިންއާއި އައު ފުރުޞަތުތައް ހޯދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ވަރުގަދަ ފައިނޭންޝަލް ޕާޓްނަރެއްގެ ގޮތުގައި ބީއެމްއެލްގެ މަޤާމު ކުރިމަގުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.



