މިދިޔަ އޭޕްރިލް މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 37 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 8 ޓީއީޔޫސްގެ މުދަލެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމަށް ފަށާފައިވާ ޚިދުމަތެކެވެ. މިދިޔަ މަހު މި ޚިދުމަތް ބޭނުންކޮށްގެން 4 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 5 ޤައުމަކަށް މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.
އޭޕްރިލް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ އުފުލާފައިވާ އެއާލައިންތަކަކީ:
- އެމިރޭޓްސް
- އިއްތިހާދު އެއާވޭސް
- ލުފްތަންސާ
- ގަތަރު އެއާވޭސް
މި ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވަނީ 15 މެއި 2024 ގައެވެ. މިހާރު މި ޚިދުމަތުގައި 17 އަށްވުރެ ގިނަ އެއާލައިން ބައިވެރިވެފައިވާއިރު، މިއީ އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކެއް ދަތުރުކުރާ މަންޒިލަކަށް ވުމާއެކު، މި ޚިދުމަތް ފުޅާކުރުމުގެ ބޮޑު ފުރުޞަތެއް ރާއްޖެއަށް އެބައޮތެވެ.


