ސައްހަ ވޯކްޕާމިޓެއްގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނަގާ ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްހަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގާ ނިމިފައިވާ ކަމަށެވެ.
އަދި ބާކީ ތިބި މީހުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހޯދައި، ރާއްޖެއިން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ހާއްސަ މަސައްކަތްތައް،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، 98 އިން ސައްތަ ބިދޭސީންގެ ބަޔޯމެޓްރިކްސް މިހާރު ނެގިފައިވާއިރު، 17 ނޮވެމްބަރު 2023 ގައި މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައި ކަމަށެވެ. އެހެންކަމުން މިއީ މިވީ ކުރު މުއްދަތުގެ ތެރޭގައި ހޯދުނު ބޮޑު ކުރިއެރުމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކުރުމަށް ”އޮޕަރޭޝަން ކުރަނގި“ ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި އެހެނިހެން މައުލޫމާތުތައް އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމެވެ.



