ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ރާއްޖޭގައި ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ރައީސް ފެއްޓެވި ”އޮޕަރޭޝަން ކުރަނގި” ގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބައޯމެޓްރިކް ޑޭޓާ އެއްކޮށް ނިމުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްްވި ޕޯސްޓެއްގައެވެ.
މި އޮޕަރޭޝަނުގެ ދަށުން ބިދޭސީންގެ ދިހަަ އިނގިލީގެ ނިޝާނާއި ފޮޓޯ އެއްކުރެވިފައިވާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުސަތު ފޯރުކޮށްދީފައިވެއެވެ. މީގެ ސަބަބުން ރެގުއިލަރައިޒްވެފައިވާ ބިދޭސީންގެ އަދަދު 60 އިންސައްތައަށްވުރެ މައްޗަށް އިތުރުކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ހޯމް މިނިސްޓްރީއަށް މަތިކުރެއްވި މުހިންމު މަސައްކަތެކެވެ. ފާއިތުވި ދެ އަހަރު ދުވަހު އެ މިނިސްޓްރީއާއި ގުޅުންހުރި އިދާރާތަކުން ވަރުބަލިކަމެއްނެތި ކުރި ބުރަ މަސައްކަތުން މި އަމާޒަށް ވާސިލުވެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތުގައި ބައިވެރިވި ހުރިހާ މުއައްސަސާތަކާއި ވަކިވަކި ފަރުދުންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި މިއީ ކުރީގެ ސަރުކާރުތަކަށް ހައްލެއް ހޯދައިނުދެވި، ގައުމީ މައްސަލައެއްގެ ގޮތުގައި ދެމިގެންގޮސްފައި އޮތް ކަމެއްކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި މިވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށް މިނިސްޓަރު ވިދާޅުވެފައެވެ.




