ޅ. އޮޅުވެލިފުށީގައި ސަރުކާރުން ތަރައްގީކުރި އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުވާދެއްވީ ސްޕެޝަލް އެޑްވައިޒާ ޓު ދަ މިނިސްޓާ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަން، މަޢުރޫފް އަޙްމަދެވެ.
މި ރަސްމިއްޔާތުގައި ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އޮޅުވެލިފުށީ ފުޓްސަލް ދަނޑުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ފާދިއްފޮޅަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ރައީސް ވިދާޅުވެފައިވަނީ ފުޓްސަލް ދަނޑަކީ ހަމަ ޔަގީނުންވެސް ފުޓްސަލް ކުޅުމަށް ބޮޑު މަގުބޫލުކަމެއް އޮންނަ އޮޅުވެލިފުށީގެ ޒުވާނުންނަށް ބޭނުންވާ މުހިންމު މަޝްރޫއެއް“ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި އޮޅުވެލިފުށީގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް ސެންޓަރުގެ ބިންގާވެސް ވަނީ އަޅުއްވައިދެއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައިވެސް ފިޓްނެސް ސެންޓަރެއް ގާއިމުކޮށް، އެ ރަށެއްގެ ރައްޔިތުންނަށް އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ރާއްޖޭގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު އަށް ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ބާރުމިނުގައި ދަނީ ކުރިއަށެވެ.




