އއ. ރަސްދޫގައި ޗައިނާގެ ދެ މީހަކު ދިވެހި ޒުވާނަކަށް ދަގަނޑުބުރިއަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 00:51 ހާއިރުއެވެ.
މި މާރާމާރީ ހިންގާފައިވަނީ ރަސްދޫގައި ގެސްޓްހައުސްއަކާއި ވޯޓަރ ސްޕޯޓްސް ހިންގާ ޗައިނާގެ ދެ މީހެކެވެ. އެމީހުން ހަމަލާދީފައިވަނީ އެތަނުގައި ޑިންގީ ދުއްވަން އުޅުނު ދިވެހި ޒުވާނަކަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ޒުވާނާއަށް ލިބެންޖެހޭ މުސާރައިގެ ފައިސާ ހޯދަން ދިއުމުން ކަމަށް މައުލޫމާތު ލިބެއެވެ. ޗައިނާ މީހުން އޭނާއަށް ހަމަލާދިނީ އޭނާގެ ބޮލުގައި ދަގަނޑުބުރިއަކުން ޖަހައިގެންނެވެ.
މި ހާދިސާ ހިނގި މަންޒަރު ފެނި ލިބުނު ކުއްލި ސިހުމުގައި އެ ޒުވާނާގެ މަންމަ ވަނީ ހޭނެތިގެން ވެއްޓިފައެވެ. ދެމައިންނަށް ރަސްދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލު ދެރަވުމުގެ ސަބަބުން ވަނީ މާލެ ގެނެސްފައެވެ.
ޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އައި ނަމަވެސް، އޭނާގެ މަންމަގެ ހާލު ވަރަށް ގޯސް ކަމަށާއި ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މާރާމާރީއާ ގުޅިގެން ޗައިނާގެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ދޫކޮށްލުމުން، ރަސްދޫ ރައްޔިތުން ވަނީ މިއަދު ނުކުމެ މުޒާހަރާކޮށްފައެވެ. ރައްޔިތުންގެ ނުރުހުން އަމާޒުވުމާ ގުޅިގެން، އެ ޗައިނާ މީހުން މިހާރު ވަނީ އެރަށުން ބާލުވާފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




