މި މެއި މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 10,686,595ރުފިޔާ ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.
މެއި މަހުގެ 7 ވަނަ ދުވަހު ކިރުވި މަހަށް އެކަނިވެސް މިއަދު ވަނީ 2,957,958ރ. ޖަމާކޮށްދީފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށް ދޫކުރި 10,440,010ރ. އެވެ. މީގެ އިތުރުން 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށް 230,825ރ. އަދި 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށް 15,760ރ. ވަނީ ޖަމާކޮށްދީފައެވެ.
މަސްވެރިންނަށް ގަވާއިދުން ފައިސާ ދޫކުރަން ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާގެ ބެކްލޮގް އެއްކޮށް ހަލާސްކުރުމަށްފަހުއެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސަވާފައެވެ.
މި އައު އިންތިޒާމާއެކު މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އައިސްފައިވާކަން މިފްކޯއިން ފާހަގަކުރެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
ސަރުކާރުން ވަނީ މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ހެޔޮކޮށްދީފައެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. ޖަނަވަރީ 11 ގައި 15 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފެށިއިރު، ޖަނަވަރީ 21 އިން ފެށިގެން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލިވެސް މިފްކޯއިން އަންނަނީ ގަންނަމުންނެވެ.
މިހާރު މިފްކޯއިން ބޮޑުކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.



