ގައުމީ މަސްލަހަތާއި ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ހިކުމަތްތެރިކަން އިސްކުރުމަށް ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިކަމަށް އެދިފައިވަނީ މަރިޝަސްއާއި ރާއްޖޭގެ ގުޅުންތަކާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މިނިސްޓްރީން ބުނީ، ރާއްޖޭގެ ގައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ގައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތަކީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމަށެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހުތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތެއް ކަމަށާއި، މި ސިޔާސަތުން ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ހާމަވާކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށް ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ ނިޒާމުތަކުގެ ތެރެއިން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ހުރިހާ ގައުމުތަކާއެކު ބޭއްވުމަށް ރާއްޖެއިން އިސްކަންދޭކަން ބަޔާނުގައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހާރިޖީ ސިޔާސަތާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން، ހާއްސަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށެވެ. އެހެންކަމުން މިފަދަ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ އެއްބައިވަންތަކަމަށާއި ރާއްޖޭގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ބާރުއަޅާ ވާހަކަތަކަކަށް ވާންޖެހޭ، ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސަރަހައްދީ ސުލްހަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި، ގައުމުތަކާއި ޖަމްޢިއްޔާތަކާއެކު އޮންނަ އެއްބާރުލުން ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި ވަރުގަދަކުރުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
އަދި ރާއްޖޭގެ ސިޔާދަތާއި ކަރާމާތް ރަމްޒުކޮށްދޭ ހާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.



