ބ. އޭދަފުށީގެ ދެކުނު ފަރާތުގައި މޫދަށް އެރޭ ސަރަހައްދަކާއި ހިތްފަސޭހަ މައިޒާނެއް ހިމެނޭ ގޮތަށް ތަރައްގީކުރި ”ވެށި ފަންނު“ ރަސްމީކޮށް ހުޅުވައިފިއެވެ.
އިއްޔެ ހަވީރު މި ސަރަހައްދު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ވެށި ފަންނު ރަސްމީކޮށް ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު އާއި އެމްޓީސީސީގެ ޑީއެމްޑީ މުހައްމަދު ޖަމްޝީދުގެ އިތުރުން އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، އެ ސަރަހައްދަކީ މޫދަށް އެރުމުގެ އިތުރުން އާއިލާތަކަށް ހަވީރު ފިންޏަށް ހިތްފަސޭހަކޮށްލަން ރަނގަޅު މާހައުލެއް ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރާއި މެންބަރު ސަލީމްގެ އިތުރުން، ކްރައުން ކޮމްޕެނީގެ ހިއްސާދާރު އަހުމަދު ނަޒީރު ދެއްވި އެހީތެރިކަން ފާހަގަކޮށް ފާތިހު ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ސަރަހައްދުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ރައްޔިތުންގެ ކިބައިން ފާތިހު ވަނީ އެދިވަޑައިގެންފައެވެ.
މި ފަންނު ތަރައްގީކުރުމަށް އޭދަފުށި ކައުންސިލުގެ ބަޖެޓުން ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހު ކަމަށްވާއިރު، މުޅި މަޝްރޫއު ނިންމާލާފައިވަނީ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މަސައްކަތުންނެވެ.
މި މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދު ތަރައްގީކުރުމަށްޓަކައި 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ފުންކޮށްފައެވެ. މީގެ އިތުރުން 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމުގެ އިތުރުން 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.




