ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ހާއްސަ ޑޮކްޓަރުންނާއި ތެރަޕިސްޓުން ހޯދުމަށް ޕާކިސްތާނުގެ އޯވަސީޒް އެމްޕްލޯއިމަންޓް ކޯޕަރޭޝަން (އޯއީސީ) އިން 45 ވަޒީފާއަކަށް އިއުލާނުކޮށްފިއެވެ.
އޯއީސީގެ އިއުލާންގައި ބުނެފައިވަނީ މި ވަޒީފާތަކަށް ހޮވޭ ފަރާތްތައް މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށެވެ.
އޯއީސީ އިން ހަ ދާއިރާއަކުން ވަޒީފާތައް އިއުލާނުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓުންގެ ފަސް މަގާމާއި، އެނެސްތީސިއޮލޮޖިސްޓުންގެ ފަސް މަގާމުގެއިތުރުން ސްޕީޗް ތެރަޕިސްޓުންގެ 10 މަގާމެވެ. މީގެ އިތުރުން ބިހޭވިއަރަލް ތެރަޕިސްޓުންގެ 10 މަގާމާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ 10 މަގާމުގެ އިތުރުން ސައިކޯތެރަޕިސްޓުންގެ 10 މަގާމު ހިމެނެއެވެ.
މި މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރަތަކަށް ބަލާއިރު، ސްޕެޝަލިސްޓް ޑަކްޓަރުންނަށް އެލަވަންސާއެކު މަހަކު 51,540 ރުފިޔާ ލިބޭނެއެވެ. ސައިކޯތެރަޕިސްޓުންގެ މުސާރައަކީ 41,544 ރުފިޔާ ކަމަށްވާއިރު، އެހެނިހެން ތެރަޕިސްޓުންގެ މުސާރައަކީ 29,802 ރުފިޔާއެވެ. މީގެ އިތުރުން، މި ކޮންމެ ވަޒީފާއެއްގައިވެސް ހުރުމާއި ކެއުމުގެ އިތުރުން ސާވިސް އެލަވަންސް ހިމެނޭނެ ކަމަށް އޯއީސީ އިން ބުނެފައިވެއެވެ.
މި މަގާމުތަކަށް ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްޕެޝަލިސްޓް ޑަކްޓަރުންގެ ޝަރުތަކީ އެފްސީޕީއެސް ނުވަތަ އެމްޑީ ސެޓިފިކެޓާއެކު އެއް އަހަރުގެ ތަޖުރިބާ ހުރުމެވެ. ތެރަޕިސްޓުން އެ ދާއިރާއިން މާސްޓާސް ޑިގްރީއާއެކު ދެ އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭއިރު، ސައިކޯތެރަޕިސްޓުންނަށް ހަތް އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ.
މި ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އޯއީސީގެ ވެބް ސައިޓް https://oec.gov.pk މެދުވެރިކޮށް މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ހުށައަޅަން އިއުލާނުގައި ބުނެފައިވެއެވެ.




