މައިންގެ ކިބައިގައިވާ ހިތްވަރާއި، އޯގާތެރިކަން، އަދި ނުގުޑާފަދަ ސާބިތުކަމަކީ އާއިލާތަކާއި މުޖުތަމަޢުތަކުގެ ހަމަޖެހުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބާރުކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަންމައިންގެ ދުވަހާ ގުޅިގެން ’އެކްސް‘ ގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މުޖުތަމަޢު ބައްޓަންކޮށް ބިނާކުރުމުގައި ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި މައިން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރައްވައި، މައިންނަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ.
މައިންނަކީ އާއިލާގެ ބިންގާ ކަމަށާއި، އެކަނބަލުންގެ މިންނެތް މަސައްކަތާއި ދެއްވާ ލޯތްބަކީ މުޅި މުޖުތަމަޢުގެ ދިރުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އާއިލާއެއްގެ ތެރޭގައިވެސް މައިން ދައްކުވައިދޭ ކެތްތެރިކަމަކީ މުސްތަޤުބަލުގެ ޖީލުތައް ބިނާކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ސިފަކަމަށްވެސް އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، މައިންގެ އޯގާތެރިކަމަކީ މުޖުތަމަޢުގެ އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
އަދި މައިންގެ އަގުވަޒަންކުރުމަކީ މުޅި ޤައުމުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.



