”އަދަދު“ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ”އަދަދު“ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ކުށުގެ ދައުވާ ކުރާ ކަމަށް ބަޔާންކޮށްފައެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ހިމެނޭ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށް އަމުރުކޮށްފައެވެ.
ނަމަވެސް ކޯޓުގެ އެ އަމުރަށް ގޮން ޖައްސަވައި އެކްސްގައި ކުރި ޕޯސްޓެއްގައަ ނަޝީދު ވިދާޅުވީ، އެ ވާހަކަ ދައްކާނެ ކަމަށާއި، ކޯޓުގެ އެ އަމުރާއި ހިލާފުވާން ތައްޔާރަށް ހުރި ކަމަށެވެ.
ކޯޓުގެ އަމުރުގައި ސާފުކޮށް އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ޝަރީއަތަށް ހުށަހެޅިފައިވާ މި މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ވެސް ވަނީ މަނާކޮށްފައެވެ.
ކޯޓުން މިފަދަ އަމުރެއް ނެރުނީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރަށް ރިއާޔަތްކޮށެވެ. އަމުރުގައި ބުނެފައިވަނީ މިއީ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމަށެވެ. އެހެންކަމުން، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ފެތުރުމަކީ މަނާކަމެކެވެ.
ކޯޓުގެ އަމުރުގައި އިތުރަށް ބުނީ، އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށެވެ.



