ރަޝިޔާ، ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް) އަދި ޔޫރަޕްގެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
”އައި އެމް މޯލްޑިވްސް“ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތާ އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ޒިޔާރަތްކުރަން އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.
މި ރޯޑްޝޯތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ކަމަށްވާ ”އައި އެމް މޯލްޑިވްސް – ރަޝިޔާ އެންޑް ސީ.އައި.އެސް“ ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 އިން 18 އަށެވެ. މި ފިޔަވަހީގައި އަލްމަޓީ، މޮސްކޯ އަދި ސެންޓް ޕީޓާސްބާގްގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ވޯކްޝޮޕްތަކާއި، ވިޔަފާރިވެރިންނާ ބައްދަލު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.
ދެވަނަ ފިޔަވަހި ކަމަށްވާ ”އައި އެމް މޯލްޑިވްސް – ސެންޓްރަލް އެންޑް އީސްޓަން ޔޫރަޕް“ ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 9 އިން 13 އަށް ބަލްގޭރިއާ، ހަންގޭރީ އަދި ސުލޮވީނިއާގައެވެ. މި ހަރަކާތްތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތައް ކަމަށްވާ ލަގްޒަރީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، މޫދު ކުޅިވަރުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެ ކަމަށް ވީއެމްސީން ވިދާޅުވެއެވެ.
މި އެއްބަސްވުމުގެ ދަށުން، ހުރިހާ އިންތިޒާމުތަކަކާއި، ހަރަކާތްތައް ހިންގުމާއި، ފައިސާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާނީ އެންއެޗްޖީއޭއެމްއިންނެވެ.
ވީއެމްސީން އެންޑޯޒްމަންޓް ދިނުމުގެ އިތުރުން، ރާއްޖޭގެ ބްރޭންޑިންގްއާއި އިޝްތިހާރު ކުރުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންނާއި، ގައުމީ ފެންވަރުގައި ފަތުރުވެރިކަން އިޝްތިހާރުކުރާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
ވީއެމްސީން ބުނިގޮތުގައި، މި ރޯޑްޝޯތަކުގެ ސަބަބުން ރަޝިޔާ، ސީއައިއެސް އަދި ސީއީއީ ސަރަހައްދުގެ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން އަދި މީޑިއާއާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިވެ، ވާދަވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ހަރުދަނާވެގެންދާނެއެވެ.



