”އަދަދު“ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލައިގައި ޖަވާބުދާރީވުމަށް މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
ޝަހްޒާން ކޯޓަށް ހާޒިރުވާން އެންގީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން ޝަހްޒާނަށް ފޮނުވި އަމުރުގައި ބުނެފައިވަނީ، އެ ކޯޓުން ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ އަމުރެއް ނެރެފައި ވަނިކޮށް، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހްޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ އެ އަމުރާ ހިލާފު ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި މާދަމާ މެންދުރު 13:00 އަށް ކޯޓަށް ހާޒިރުވުމަށް ވަނީ އަމުރުކޮށްފައެވެ.
އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ”އަދަދު“ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާންމުނުކުރުމަށާއި، އެ ވީޑިއޯ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް އަންގާފައެވެ. އަދި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ކޯޓުން އޮތީ އަމުރުކޮށްފައެވެ.
ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވިދާޅުވެފައިވަނީ، މި ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމަށެވެ. އެހެންކަމުން މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ ކަމަށްވެސް އަމުރުގައިވެއެވެ.
މި އަމުރު ނެރުނު ސަބަބެއްގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައިވަނީ އަބުރު ރައްކާތެރިކުރުމާއި، ޝަރުއީ ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު އެމީހަކީ ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު ހިމާޔަތްކުރުމެވެ. މީގެ އިތުރުން ދައުވާ ލިބޭ ފަރާތުގެ ހައްގާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަކީ ވެސް މި އަމުރު ނެރުނު މަގްސަދެއް ކަމަށް ކޯޓުން ބުނެފައިވެއެވެ.
ރައީސް ޑރ. މުއިއްޒަށް ތުހުމަތުކޮށް ”އަދަދު“ ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާއެވެ.



