ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ނަރުހުންގެ ކުރިއެރުމަށް އިންވެސްޓްކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ދުވަހުގެ ތަހުނިޔާ ދަންނަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ސިއްހީ ނިޒާމުގެ މައިބަދައަކީ ނަރުހުންކަން ގަބޫލުކޮށް، ނަރުހުންގެ ސާބިތުކަމާއި ހުނަރުވެރިކަން ފާހަގަކޮށް އެކަން ބަލައިގަންނަން ޖެހޭކަމަށެވެ. ނަރުހުންގެ ވަރުބަލިކަމެއްނެތް ހިދުމަތާއި އިހުލާސްތެރި މަސައްކަތުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް ބަލިމީހުންނަށް އުފާވެރިކަމާއި، އާއިލާތަކަށް އުންމީދު، އަދި މުޖުތަމައަށް ދުޅަހެޔޮކަން ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރުގެ ނަރުހުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ، ”އަޅުގަނޑުމެންގެ ނަރުހުން، އަޅުގަނޑުމެންގެ ކުރިމަގު- ބާރުވެރި ނަރުހުން ފުރާނަ ސަލާމަތްކޮށްދޭ“ މިއެވެ.



