ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި ދެ ނޫސްވެރިންނަށް މި ހުކުމް ކުރީ ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވުމާ ގުޅިގެންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން ނެރުނު އެ އަމުރުގައި ވަނީ މައްސަލައާ ގުޅޭ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެ ވާހަކަތައް ނުދެއްކުމަށް އަންގާފަ އެވެ.
މުހައްމަދު ޝަހުޒާންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތު ކުރެވުނީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކުރުމުންނެވެ.
ލީވާން އަލީ ނާސިރު ބަންދުކުރަން އަމުރުކުރީ ”އަދަދު“ ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ނެރުނު އަމުރާ ހިލާފަށް ހަބަރު ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.
ކޯޓުން ނިންމާފައިވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށެވެ.
ލީވާން މިއަދު ހެނދުނު ކޯޓަށް ހާޒިރުކުރިއިރު، ޝަހުޒާން ހާޒިރުކުރީ މިއަދު މެންދުރުފަހު އެވެ. އެ މައްސަލައިގަ ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް އެދުނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށެވެ. އެއާއެކު ގާޒީ ވަނީ ދެ ގަޑިއިރުގެ ފުރުސަތެއް ދެއްވާފަ އެވެ.
މި މައްސަލާގައި ’އަދަދު‘ ނޫހުގެ އިސްވެރިންގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާކޮށްދޭން ހުށަހެޅީ، ރައީސް މުއިއްޒަށް ތުހުމަތުތަކެއްވާ ގޮތަށް ޑޮކިއުމެންޓްރީ ހަދައި އާންމުކޮށްފައިވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ މި މައްސަލާގައި ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ފަރާތަކުން އެ ވާހަކަތައް ނުދެއްކުމަށް އަމުރުކޮށް، އެ އަމުރަށް އަމަލުކުރުމަށް ސިޔާސީ ޕާޓީތަކަށާއި، މީޑިއާތަކަށްވެސް އަންގާފައެވެ.




