ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ލަފާކުރެއެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނިގޮތުގައި، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެއެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނާއި މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާ ދެމެދުގައެވެ.
އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.



