މިހާރު އޮތް ސަރުކާރު ފަސް އަހަރުގެ ދައުރު ހަމަވަންދެން ދެމި އޮންނާނެ ކަމަށާއި، މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިރޭ ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، މިއީ ދެ އަހަރާއި ބައިގެ ސަރުކާރެއް ކަމަށާއި މި ސަރުކާރު ނިންމާނެ ކަމަށް ބުނެ ’އެކްސް‘ ގައި މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ސަލީމް ވިދާޅުވީ މި ސަރުކާރަކީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ކަމަށާއި، ސަރުކާރު ވައްޓާލުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށެވެ.
މީގެ އިތުރުން، ދާދިފަހުން ބޭއްވި އިންތިހާބުތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ދެކޭ ހުވަފެނަކީ ހަގީގަތަކަށް ނުވާނެ ކަމަށްވެސް ސަލީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސަލީމް ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ޕީއެންސީން އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދޭނެއެވެ.




